ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
މިގޮތުން ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ ޚަލީލާއި، މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރު އަދި ސިއްޙަތާ ބެހޭ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޒިމް އިބްރާހީމަށް ކޮމިޓީން ރުހުން ދީފައިވެއެވެ.
މި ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ކެބިނެޓަށް މި ބަދަލުތައް ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވަނީ މި ތިން ވަޒީރުންނަކީވެސް މީގެކުރިން ވަޒީރުކަން ކުރައްވާފައިވާ ޤާބިލު ބޭފުޅުން ކަމަށެވެ. އެހެންކަމުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ނެވި 7 މެންބަރުންގެ އިއްތިފާގުން ވަނީ މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ. މަޖިލީހުން ވަޒީރުންނަށް ރުހުން ދޭނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަންތައް ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމާގޮތް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.









