ސަޕްލިމެންޓަރީ ބަޖެޓް އުއްމީދުކުރި ވަރަށްވުރެ ކުޑަ

ހުސައިން އިސްމާއިލް | 361 ދުވަސް ކުރިން - 24 އޮކްޓޯބަރު 2024 16:06
ޚުލާސާ

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަކީ ތަކެތީގެ އަގު މުޅި ދުނިޔޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، ހީކުރި ވަރަށްވުރެ ދެގުނަ ކުޑަ ބަޖެޓެކެވެ. މިސަރުކާރުގައި ސިޔާސީ މުވައްޒަފުންނަށް ޚަރަދުކުރަނީ ބަޖެޓުގެ 1 ޕަސެންޓެވެ.

  • މިހާތަނަށް ސިޔާސީ މަޤާމުތަކަށް މިސަރުކާރުން ޚަރަދުކުރަނީ ބަޖެޓުގެ 1 ޕަސެންޓް
  • ސަޕްލިމެންޓަރީ ބަޖެޓަށް ފައިނޭންސް ކުރެވޭނީ ޕްރޮޖެކްޓް ލޯނާއި، ޑޮމެސްޓިކް ސޯސްތަކާއި، ޓްރެޜަރީ ބިލް ވިއްކުމުގެ ތެރެއިން
  • ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދެ ބިލިއަން ރުފިޔާ
  • ސްޓޫޑެންޓް ލޯނަށް 458.4 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • 20 އޮކްޓޫބަރު 2024 - ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާވެސް ޚަރަދު ކުޑަކޮށްގެން ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތަށް ވެރިކަން ހިންގުމަށް.

    ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓަކީ އޭގެ ޒާތުގައި އިންތިހާއަށް ކުޑަ ބަޖެޓެކެވެ. ހަނގުރާމަތަކުގެ ސަބަބުން މުޅި ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ސަރުކާރުން އެންމެ 5 ބިލިއަން ރުފިޔާގެ ކުޑަ ސަޕްލިމެންޓަރީބަޖެޓެއް ހުށަހެޅުމުން އެކަމުގައި ސުވާލު އުފެދެނީ މިވަރުގެ ކުޑަ ބަޖެޓަކުން މިއަހަރުގެ ބާކީ މިއޮތް މުއްދަތުގައި ދައުލަތް ހިންގާނެ ގޮތަކާއި މެދުގައެވެ. ތަޖުރިބާކާރުން ލަފާކުރީ ސަރުކާރުގެ ބޮޑު މަޝްރޫއުތަކާއި ދުނިޔޭގައި ބޮޑުވަމުން އަންނަ ޚަރަދުތަކަށް ބަލާއިރު ސަޕްލިމެންޓަރީ ބަޖެޓް 10 ބިލިއަން ރުފިޔާއަށް އަރާފާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ މުހިންމު ޚަރަދުތައް ފޫބެއްދުމަށް އަމާޒުކޮށްގެން ޙަޤީޤީ ޢަދަދު އައީ އެންމެ 5.1 ބިލިއަން ރުފިޔާ އެވެ.

    ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 3.5 ބިލިއަން ރުފިޔާ ކަމަށެވެ. އިތުރު ފައިސާގެ ސަބަބުން ޒަރޫރީ ޚިދުމަތްތައް ދެމެހެއްޓުމާއި، ލަފާނުކުރެވޭ ޚަރަދުތައް ހައްލުކުރުމާއި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ނަމަވެސް، ބައެއް މީހުން ބުނާ ގޮތުގައި ބޮޑުވަމުން އަންނަ މާލީ ޑިމާންޑްތައް ފުއްދުމަށް ބޭނުންވާ ޢަދަދަށް ވުރެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުށަހެޅި ބަޖެޓް މާކުޑަ އެވެ.

    ބަޖެޓުގެ އަމާޒަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ދެ ބިލިއަން ރުފިޔާ، ސްޓޫޑެންޓް ލޯނަށް 458.4 މިލިއަން ރުފިޔާ، އަދި މެޑިކަލް ކޮންސިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ ދިނުމެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ޙަޤީޤަތުގައި މަދު ޢަދަދުތަކެކެވެ. 

    ސަޕްލިމެންޓަރީ ބަޖެޓުގައި ޖަހާފައިވާ ނަމްބަރުތައް އިންތިހާއަށް ކުޑަ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން މުހިއްމު ބޮޑެތި ފިޔަވަޅުތައް އަޅަމުންދާއިރު މިއަދު ހުށަހެޅި ބަޖެޓަކީ ކިރިޔަކިރިޔާ ފުދޭވަރެވެ. އެވަރުން ފުއްދާލަން ނިންމީ ގަދަކަމުން "އޮބިއަޅައިގެންނެވެ". އޭގެތެރޭގައި ސިޔާސީ މުވައްޒަފުން މަދުކުރުމާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ރިކަރަންޓް ޚަރަދުތައް އިންތިހާއަށް ކުޑަކުރުން ހިމެނެއެވެ. މީގެތެރޭގައި މުހިއްމު ބައްދަލުވުންތަކަށް ވެސް ޤައުމުން ބޭރަށް ނުގޮސް ވާޗުއަލްކޮށް ގެންދިޔުން ފަދަ "ހައިރާންކުރަނިވި ބަދަލުތައް" ފާހަގަ ކުރެވެއެވެ.

    ބަޔަކަށް ހީވީ މިސަރުކާރުން ލައްކަ ފައިސާ ސިޔާސީ މަޤާމުތަކަށް ޚަރަދު ކުރަމުންދާ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންނަށް ޚަރަދުކުރަނީ މުޅި ބަޖެޓުގެ ޖުމްލަ %1 އެވެ. މިއީ ކުރީ ސަރުކާރުން ޚަރަދުކުރި ސިޔާސީ މުސާރައިގެ %4 ގެ މިންގަނޑަށްވުރެ މާ ދަށް އަދަދެކެވެ. މީގެ އިތުރުން ސިޔާސީ ބޭފުޅުންނާއި ބައެއް މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކުރުން ފަދަ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ރައީސް ވަނީ އެކްސްގައި ޙިއްސާ ކުރައްވާފައެވެ.

    ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަށް ފައިނޭންސް ކުރެވޭނީ ޕްރޮޖެކްޓް ލޯނާއި، ޑޮމެސްޓިކް ސޯސްތަކާއި، ޓްރެޜަރީ ބިލް ވިއްކުމުގެ ތެރެއިންނެވެ. އަހަރީ ބަޖެޓް ޑެފިސިޓް 18 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މި އަހަރު ނިމޭއިރު ސަރުކާރުގެ ދަރަނި ޖީޑީޕީގެ %118 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. 

    މި ހުށަހެޅި ކުޑަކުޑަ ސަޕްލިމެންޓަރީ ބަޖެޓުން އަވަސް ބޭނުންތަކާއި މާލީ ކަންކަން ދެކޮޅުޖެއްސުމަށް މަސައްކަތް ކުރާއިރު، އޭގެ އެކަށީގެންވާ މިންވަރާއިމެދު ކަންބޮޑުވުންތައް އެބަހުއްޓެވެ. ޚާއްޞަކޮށް އިޞްލާޙުތަކާއި އިޤްތިޞާދީ ކުރިއެރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރިން ވެފައިވާ ވަޢުދުތަކުގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ހުށަހަޅާނީ ދިހަ ބިލިއަނުގެ ބަޖެޓެއް ކަމަށް އުއްމީދު ކުރެވުނެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން މާ ބޮޑަށްވެސް ޕްރޯއެވެ. ޚަރަދުތައް އޮބިއަޅައި ކުޑަ ބަޖެޓަކުން ޤައުމު ހިންގުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގެ ސާފު އަމާޒެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%