ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ރޭންކިން މެޗުގައި ތަޖިކިސްތާން ބަލިކޮށް، ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފަސްވަނަ ހޯދައިފިއެވެ.
އުޒްބެކިސްތާނުގެ ޓަޝްކެންޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނުމެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނީ ރާއްޖެއިންނެވެ. އެއީ 25-17 އަދި 25-16 އިންނެވެ.
ރާއްޖެއިން 3 ސެޓް ވެސް ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. އެ ސެޓް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ނަމަވެސް ތަޖިިކިސްތާނުން ވަނީ 25-23 އިން އެ ސެޓް ކާމިޔާބުކޮށްފައެވެ.
ހަ ޓީމު ބައިވެރިވާ މިމުބާރާޓުގެ 4 ވަނަ ސެޓް ރާއްޖެއިން ކާމިޔާބުކޮށް ރޭންކިންގ ގައި 5 ވަނަ ހޯދީ 25-22 އިން ތަޖިކިސްތާނު ބަލޮކޮށްގެންނެވެ.
މިމުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ދިވެހިރާއްޖެ، ތަޖިކިސްތާނު، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، އަދި ތުރުކުމެނިސްތާނާއި އަފްޣާނިސްތާނެވެ.
ރާއްޖެއިން މި މުބާރާތުގައި މީގެ ކުރިން ވެސް ވަނީ ތަޖިކިސްތާން އަތުން ތިން ސެޓު އެއް ސެޓުން މޮޅުވެފައެވެ. ނަމަވެސް މިމުބާރާތުގައި ދެން ކުޅުނު ހުރިހާ މެޗަކުން ރާއްޖެ ބަލިވެފައިވާކަން ފާހަގަ ކުރެވެއެވެ.









