ތުރުކީވިލާތުގެ ވެރިރަށް އަންކާރާ ކައިރީގައި ހުންނަ ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން، ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ. މީގެ އިތުރުން، ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ހަމަލާ ދީފައިވަނީ ތުރުކީވިލާތުގެ ދައުލަތުގެ ވައިގެ އުދުހުންތަކާއި ދިފާޢާ ބެހޭ ކުންފުނި (ޓީޔޫއެސްޔޫއެސް)ގެ މައި އިދާރާއަށެވެ. މި ނިރުބަވެރި ޙަމަލާގައި ހަތަރު މީހުން ވަނީ މަރުވެފައެވެ. ޙަމަލާ ދީފައިވާ ޓީޔޫއެސްޔޫއެސްގެ މައި އިދާރާ ހުންނަނީ ވެރިރަށް އަންކަރާއާ 40 ކިލޯމީޓަރު އުތުރުން އޮންނަ ކުޑަ ރަށެއް ކަމުގައިވާ ކަހްރަމަންކަޒާންގައެވެ.









