މުސާރައިން 50 ޕަސެންޓް ނުނަންގަވަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވައިފައެވެ. މި ނިންމެވުން ނިންމެވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.
މަަޖިލީހުގެ ރައީސް މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ނިންމެވުމާއެކު، އެމަނިކުފާނުގެ މުސާރަ 73،125 ރުފިޔާއިން 36،562.5 ރުފިޔާއަށް ދަށްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެމަނިކުފާނުގެ މުސާރައިން 50 ޕަސެންޓް ނުނަންގަވަން ނިންމަވައިފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންގެ މުސާރައިން 10 ޕަސެންޓް، ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރަން ހުށަހަޅުއްވައިފައެވެ.
މި ފިޔަވަޅުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅުތަކެކެވެ. ނަމަވެސް، 12،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން މި ފިޔަވަޅުތަކުން އިސްތިސްނާވާނެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށް ގޮސްފައިވާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިބި 228 މީހަކު މަޤާމުން ވަކިކުރުން ހިމެނެއެވެ. މި ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









