ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައި، އެއްބަސްވުމެއްގައި ސޮއިކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެ ބޭފުޅުންނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިރޭ އެކުގައި މަސައްކަތް ކުރަން ސޮއިކުރެއްވި ތިން ރައީސުންނަކީ މީގެ ކުރިން އެކަކު އަނެކަކަށް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ބޮޑެތި ތުހުމަތުތައްކޮށް، އެކަކު އަނެކަކު ޖަލަށްލީ ބޭފުޅުން ކަމަށެވެ. އަދި މި ބޭފުޅުންގެ ވެރިކަންތަކުގައި ހިނގާފައިވާ ބޮޑެތި ޖަރީމާތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.


އެގޮތުން ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލުމާއި، ސުޕްރީމް ކޯޓުގެ ތަޅުއެޅުވުމާއި، އަބްދުﷲ ގާޒީ ހައްޔަރުކުރުން ފަދަ ކަންކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާއި، ވެންޓިލޭޓަރުގެ ވައްކަމުގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު އެމްޑީއެންގެ ރިޕޯޓުގެ މައްސަލަވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މިހިރަ ހުރިހައި ކަމެއްވެސް މިތިއްބެވި ތިން ރައީސުންނަށް މިހާރު އޯކޭ. މިއީ އަދި ކުޑަ މިންވަރެއް. ކުރިން ކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެވެސް މިއީ އިންތިހާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެ ބޭފުޅުންގެ އެންމެ ފުރަތަމަ ޑިމާންޑަކީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލުމެވެ. އެ ދެ ނޫސްވެރިންނަށް ޖަލު ހުކުމެއް އައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި ގަޒްފުގެ ތުހުމަތު އެޅުވުމާ ގުޅިގެން ކޯޓު އަމުރެއް ނެރެފައިވަނިކޮށް އެ އަމުރާ ހިލާފުވުމާ ގުޅިގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިރޭގެ ބައްދަލުވުމުގައި އެ ބޭފުޅުންގެ ވެރިކަންތަކުގައި ނޫސްވެރިންނަށް ބިރުދައްކައި، ފުރައްސާރަކުރި ކަމުގެ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އެއްވެސް ރައީސަކަށް ޖަވާބު ދެއްވާކަށް ކެރިވަޑައެއް ނުގަތެވެ. އަދި ތިން ރައީސުންވެސް ވާހަކަފުޅު ދެއްކެވީ އެބޭފުޅުންގެ ރައީސްކަމުގެ ދައުރުގައި ފެއިލްވެފައިވާކަން ދޭހަވާ މޭރުމަކުން ކަމަށްވާތީ އާންމުންގެ ނުރުހުން ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.







