ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މުސާރައާ ގުޅޭ ގޮތުން މި ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިންވެސް 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ 42,500 ރުފިޔާ ކަމަށާއި، ކޮމިޓީ އެލަވަންސްއަށް 20,000 ރުފިޔާ އަދި ލިވިންގ އެލަވަންސްއަށް 20,000 ރުފިޔާ ލިބޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މެންބަރުންގެ ކެއިންބުއިމާއި، ހެލްތު އިންޝުއަރެންސްއާއި، ވައިގެ ދަތުރުފަތުރުތަކަށް ވީއައިޕީ ލައުންޖުގެ ޚިދުމަތަށް ބޮޑު ޚަރަދެއް ދައުލަތުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.









