ލަންކާގެ އިރުމަތީގައި އޮންނަ ފަތުރުވެރިންނާއި ރާޅާއެޅުމުގެ މަޤުބޫލު މަންޒިލެއް ކަމަށްވާ އަރުގަމް ބޭގެ ޙާލަތު ރަނގަޅު ކަމަށާއި، ފާއިތުވީ ދުވަސްތަކުގައި ޔަހޫދީވިޔަފާރިތަކާއި އަދި ޔަހޫދީންނާއި ދެކޮޅަށް އެތަނުގައި އަޑުއުފުލާފައިވާތީ ފުލުހުން ވަނީ ޚާއްޞަ ސަމާޅުކަމެއް އެސަޜަހައްދަށް ދީ ޙާލަތު ރަނގަޅުކޮށްފައި ކަމަށް ލަންކާ ފުލުހުން ބުނެފިއެވެ. ލަންކާ ފުލުހުން މިހެން މިބުނީ އެތަނުގައި ޓެރަރިސްޓް ޙަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ އެމެރިކާއިން ޓްރެވެލް އެޑްވައިޒަރީ ނެރެފައި ވަނިކޮށެވެ.
ފާއިތުވި ދުވަސްތަކުގައި އަރްގަމް ބޭގައި ޔަހޫދީ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ގޮވާލުންތައް އިތުރުވެ، ފަލަސްތީނާއި ލުބުނާނުގައި ޔަހޫދީން ހިންގާ ޤަތުލުޢާންމުތަކާއި ދެކޮޅަށް އަޑު އުފުލާފައި ވެއެވެ. އަދި ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައި ވެއެވެ. އިސްރާއީލާއި ދެކޮޅު މިޝިޢާރުތަކުގައި ލަންކާގެ މެޖޯރިޓީ ވަނީ ތާޢީދު ކޮށްފައެވެ.
މިފަދަ ދަނޑިވަޅެއްގައި އެމެރިކާގެ އެމްބަސީން ލަންކާގައި ޓެރަރިސްޓު ޙަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އިންޒާރު ދީފައިވާތީ، އެޤައުމުގެ ފުލުހުންގެ ތަރުޖަމާނު ޑީއައިޖީ ނިހާލް ތަލްދޫވާ ވިދާޅުވީ އެ ސަރަހައްދުގައި އިސްރާއީލުގެ ފަތުރުވެރިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ ގޮތުން ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެތައް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަރްގަމް ބޭ އާއި ޕޮތޫވިލް ސަރަހައްދުތަކަކީ އިސްރާއީލުގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ސަރަޙައްދެއް ކަމަށާއި ޚާއްޞަކޮށް ރާޅާއެޅުމުގައި ގިނަ އިސްރާއީލު ފަތުރުވެރިން އެތަނަށް ޒިޔާރަތް ކުރެއެވެ.
ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެޤައުމަށް ޒިޔާރަތްކުރި 1.48 މިލިއަން ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 20،000 ނުވަތަ %1.35 ފަތުރުވެރިންނަކީ އިސްރާއީލު މީހުންނެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ސަރަހައްދުން ފަތުރުވެރިންނަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ރިއާޔަތްކޮށް، އިރުމަތީ ޕްރޮވިންސްގައި ވަނީ އިބްތިދާއީ ފިޔަވަޅުތައް އަޅާފައެވެ. ފުލުހުން ވަނީ ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުގައި މަގު ބަންދުކޮށް ވެހިކަލް ޗެކްކޮށްފަ އެވެ. މިވަގުތު ފުލުހުންނާއި، ސްޕެޝަލް ޓާސްކްފޯސް (އެސްޓީއެފް)، އަދި ޓްރައިފޯސްތަކުން ދަނީ ޚާއްސަ ޖޮއިންޓް ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅަމުން ކަމަށް މަސްދަރުތަކުން ބުނެއެވެ.









