ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ކްލައިމެޓް ބްރެކްފާސްޓްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް އޭޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔެ ހޫނުވަމުން އަންނަ އިރު، މޫސުމީ ބަދަލުތަަލުތަކުގެ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އެ ބަދަލުތަކަށް ވިލުންތެރިވުމަށް ރާއްޖެފަދަ ކުދި ޤައުމުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުތަކުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް މާލީ އެހީތެރިކަން ލިބުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިން ބޭއްވުނު ކޮޕް ސަމިޓުތަކުގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީދިނުމަށް ދުނިޔޭގެ ޤައުމުތަކުން ކަނޑައަޅާފައިވާ އަހަރަކު 100 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް އެހީ ދޭންޖެހޭކަމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި މާލީ އެހީދެވޭކަން ކަށަވަރުކުރުމަށް މިހާރު މާލީ އެހީ ދިނުމަށް ބޭނުންކުރަމުން އަންނަ އޮނިގަނޑު އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ސަމޯއާއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 21 އިން 26 އަށެވެ.









