ރާއްޖެއާއި ސަމޯއާއިން ޖަޒީރާ ޤައުމުތަކުގެ ގޮންޖެހުންތަކަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ސަމޯއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސްވެރިން ވަނީ، ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ލާސާނީ ޘަޤާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް އިސްކަންދެއްވައި މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމާއި އިޤްތިޞާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާއިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. ދިވެހިރާއްޖެ އާއި ސަމޯއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 2 އޮގަސްޓު 1993 ގައެވެ.









