ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް، މި އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި އިތުރު ވަޒީރުންނާއި މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގަންނަވާކަމަށް މަޖިލީހުން ބުނެފައިވެއެވެ.
ޗައިނާގެ ކިންގްޑައޯ ސިޓީގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ ތީމަކީ "ލެޓްސް ސީ އަވަރ ފިއުޗަރސް - ޕްރޮމޯޓިންގ ބްލޫ ޕާޓްނަރޝިޕްސް ފޮރ ގްރޯތް އެންޑް ސަސްޓެއިނަބިލިޓީ" އެވެ.
ކޮންމެ އަހަރަކު ބާއްވާ މި ފޯރަމަކީ ޝަންޑޮންގް ޕްރޮވިންޝަލް ޕީޕަލްސް ސަރުކާރާއި މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް ގުޅިގެން އިންތިޒާމުކުރާ ފޯރަމެކެވެ. މި ފޯރަމްގައި ބައިވެރިވުމަށް ދިވެހި ވަފުދު ޗައިނާއަށް ފުރާވަޑައިގަތުމަކީ، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި ބެލެވެއެވެ.









