ހައްދުފަހަނައެޅި އިސްރާއީލުގެ ސިފައިން ފާއިތުވީ 24 ގަޑިއިރުތެރޭ ޣައްޒާއިން 117 މީހުން ޝަހީދުކޮށްފި ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
ހަނގުރާމަ ބޯޓުތަކުން ޣައްޒާގައި ވަނީ 7 ޤަތުލުއާންމު ހިންގާފައެވެ. މި ޤަތުލުޢާންމުތަކުގައި އިތުރު 478 މީހަކު ޒަހަމްވެފައިވާ ކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.
ހެލްތު އޮތޯރިޓީތަކުން ކަށަވަރުކޮށްދިން ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާގައި ފަލަސްތީނުން ޝަހީދުވި މީހުންގެ ޢަދަދު 42,718 އަށް އަރާފައިވާއިރު، އިތުރު 100,282 މީހަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަމަ އެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫތަކުގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު، ވެއްޓިފައިވާ ޢިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތާށިވެފައިވާ ނުވަތަ ޝަހީދުވެފައިވާ ދިހަ ހާހެއްހާ މީހުން އުޅޭނެއެވެ. އެމީހުންނާ ހަމައަށް ކުއްލި ޚިދުމަތްތަކަށް އަދިވެސް ދެވޭގޮތް ނުވަނީ އިސްރާއީލުން ބޮން އަޅަމުންދާތީއެވެ.









