މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ. މި މަހާސިންތާ ކުރިޔަށްދަނީ ކްރޮސްރޯޑްސްގައެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެއެވެ.
އެގޮތުން، މި މުހިންމު މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމް އާއި އެމްއެމްޕީއާރްސީގެ ޗެއަރްޕާޝަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގަންނަވައެވެ.

މަހާސިންތާގެ އެޖެންޑާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުން ހިމެނެއެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރްސީ އިން މަޢުލޫމާތު ދެންގޮތުގައި މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުމެވެ.
މި މަހާސިންތާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ދާއިރާގެ ފަރާތްތަކުގެ މެދުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.









