ދުންފަތުގެ އުފެއްދުންތަކާއި ވޭޕުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސް މިއަދު ފަށައިފިއެވެ. ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު) އެވެ.
މިއަދުގެ ޖަލްސާގައި އިބްރާހިމް މުހައްމަދު ވިދާޅުވީ މި އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. މި ބިލްގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމާއި، ވޭޕް މަނާކުރުމުގެ ކުރިން އޭގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.
ބިލްގައިވާ ގޮތުން، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތައަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ވޭޕް ފްލޭވާއާއި ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސްގެ ޑިއުޓީވެސް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާ ރޭޓުން ޑިއުޓީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ކުރިއަށް އޮތް ތިން އަހަރު، ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.









