ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އަޅުވާ ފަރާތްތައް މަދުވެގެން ދެއަހަރުދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ.
ވީއޭއެމްއިން ބުނީމ އެފަދަ މައްސަލަތައް ބެލުމަށްފަހު، މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސޯސިއޭޝަނުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައެވެ.
ވޮލީގެ ޤައުމީ ހިންގާ ކޮމިޓީއަށް އަމާޒުކޮށް ފިތުނަ އުފެއްދުމުގެ މަޤްޞަދުގައި މަސައްކަތްކުރާ ފަރާތްތަކާއިމެދު މިފަދަ ހަރުކަށްި ފިޔަވަޅެއް އެޅުމަށް ނިންމާފައިވަނީ ހުރިހާ މެންބަރު ކުލަބުތަކެއްގެ އިއްތިފާގުންނެވެ.
މި ނިންމުމަކީ ވޮލީބޯލް އެސޯސިއޭޝަނާއި، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށް ހަގީގަތާ ޚިލާފު، ބޭ އަދަބީ އަދި މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށްގެން ތަފާތު ވާހަކަތަކާއި އިލްޒާމުތައް އަޅުވައި، ފޮޓޯ، ސޯޝަލް މީޑިއާގައި ދައުރުކުރާ މައްސަލައިގައި އަޅަން ނިންމި ފިޔަވަޅެއް ކަމަށް ވޯލީބޯލް އެސޯސިއޭޝަނުން ބުންޏެވެ.
އެހެންކަމުން އެފަދަ ފަރާތެއްގެ މައްސަލަ ބަލައި، އެ ފަރާތްތައް އެސޯސިއޭޝަނުން އިންތިޒާމުކުރާ ނުވަތަ އެސޯސިއޭޝަން ބައިވެރިވެގެން ހިންގާ އެއްވެސް ހަރަކާތެއްގައި މަދުވެގެން ދެ އަހަރު ދުވަހަށް ބައިވެރިވުން މަނާކުރުމަށްވެސް، އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައި ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުންޏެވެ.









