ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު ވަކިކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރައްވަމުން ޒިޔާއު ވިދާޅުވީ އިއްޔެ މަޖިލީހުގެ އިދާރާއިން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ޒިޔާއު ވިދާޅުވި ގޮތުގައި، އޭނާ އަދާކުރަމުން ދިޔަ މަގާމަކީ ސިޔާސީ މަޤާމެއް ނޫނެވެ. އަދި އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ޤަވާއިދާ ޚިލާފަށް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުން މި ފިޔަވަޅު އަޅާފައިވާ ކަމަށް ޒިޔާއު ޤަބޫލުކުރައްވައެވެ.
ޒިޔާއު ވިދާޅުވީ، މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ޒިޔާއު އަކީ މަޖިލީހުގެ މަސައްކަތުގައި ވަކި ސިޔާސީ ފިކުރެއް ގެންގުޅުނު މީހެކެވެ. ޚާއްޞަކޮށް މަޖިލީހުގެ ވެބްސައިޓް އަޕްޑޭޓް ކުރުމުގައި މިހާރުގެ ރިޔާސަތާއި ދުރު ކަންތަކެއް ވަނީ ފާހަގަ ވެސް ކުރެވިފައެވެ. އެގޮތުން މީގެ ކުރިން ރައީސް ނަޝީދުގެ ޖަލްސާ ތަކާއި ބައްދަލުވުންތައް ވަރަށް ތަފްޞީލުކޮށް މަޖިލިސް މީޑިއާގައި ގެނެސްދޭއިރު، މިސަރުކާރު އައިފަހުން ޒިޔާއުގެ ޕާފޯމެންސް ވަނީ ވަރަށް ބޮޑަށް ދަށް ވެފައިކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.









