އީރާނަށް ހަމަލާދޭން ޔަހޫދީންގެ އަސްކަރީ ޕްލޭންތަކާ ގުޅޭ ސިއްރު ޖާސޫސީ މައުލޫމާތު ލީކުވި މައްސަލަ އެމެރިކާއިން ތަހުގީގު ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މައިކް ޖޯންސަން އިއުލާން ކުރައްވައިފި އެވެ. ނޭޝަނަލް ޖިއޯ ސްޕޭޝަލް އިންޓެލިޖެންސް އެޖެންސީ (އެންޖީއޭ) އިން އުފެދިފައިވާ ލީކުވި ލިޔެކިޔުންތަކުގައި އޮކްޓޯބަރު މަހުގެ މެދުތެރޭގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުގެ މައްޗަށް ބިނާކޮށް ޔަހޫދީ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ ހަމަލާތަކާއިގުޅޭ މަޢުލޫމާތުތައް ބަޔާންކޮށްފައިވެ އެވެ.
މި މައުލޫމާތު ޓެލެގްރާމްގައި ހިއްސާކޮށްފައިވާއިރު، އީރާނާ ދެކޮޅަށް ބެލިސްޓިކް މިސައިލްތަކާއި، އަސްކަރީ މަތިންދާބޯޓުތަކާއި، ޑްރޯން ބޭނުންކުރުމަށް ރާވާފައިވާކަން ހާމަވެފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާތައް ދޭނީ ފަލަސްތީނާއި ލުބުނާނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިފައިވާ ޔަހޫދީންގެ އަސްކަރީ އިންސްޓޯލޭޝަންތަކަށް މީގެ ކުރިން އީރާނުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޢަދާވާތްތެރިކަން ކުޑަކުރުމަށް މަސައްކަތް ކުރައްވާކަން އިޝާރާތް ކުރައްވާފައެވެ. ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެ ރަޝިއާއިން ވަނީ އިންޒާރުދީފައި ކަންވެސް ފާޙަގަ ކުރެވެއެވެ.
އެންޖީއޭ އާއި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ އޮފީހުން ވެސް ލީކުވި ރިޕޯޓްތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ލިޔެކިޔުންތަކުގެ ސައްހަކަން އެމެރިކާގެ އޮފިޝަލަކު ކަށަވަރުކޮށްދިން ނަމަވެސް ހުރިހާ ތަފްސީލެއް ހާމަކޮށްފައިވޭތޯ އަދި ސާފެއް ނުވެ އެވެ.









