ރާއްޖެއަށް އެތެރެކުރާ މުދާތަކުން ކަސްޓަމްސް ޑިއުޓީ މައާފުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަސަރުކުރާކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ މިނިސްޓަރ ޢަލީ އިޙްސާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޤައުމީ ތަފާސް ހިސާބުގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި ބޭއްވި ޖަލްސާގައި ދާޚިލީ ސަލާމަތާއިބެހޭ މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތީގެ ގާތްގަނޑަކަށް %50 އާ ގާތްކުރާ އަދަދަކަށް ކަސްޓަމްސް ޑިއުޓީން އިސްތިސްނާވުމަކީ، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމެއް ކަމަށާއި، އެހެންކަމުން އިމްޕޯޓް ޑިއުޓީން ޓެކްސް ނެގުމާއި އަދި މަޢާފް ކުރުމުގެ އުޞޫލު ރިވައިސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ތަފާސްހިސާބުން މި ފެންނަނީ އަޅުގަނޑުމެން އިމްޕޯޓްކުރާ ގާތްގަނޑަކަށް 50 އިންސައްތަ މުދަލުން ޑިއުޓީ ނުނަގައޭ. 4 ބިލިއަން ރުފިޔާ ނަގާއިރުގައި 1 ބިލިޔަން ރުފިޔާ މަޢާފު ކޮށްލެވޭ. މިއުޅެނީ ދައުލަތުގެ އާމްދަނީ އިތުރު ނުކުރެވިގެން. މި ތަފާސްހިސާބުން އެނގިގެންގޮއްސި ޑިއުޓީ މައާފުކުރުމުގައި މުރާޖަޢާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން." މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވިއެވެ.
އިމްޕޯޓު މުދަލުގެ ޑިއުޓީން ބޮޑު ބައެއް މަޢާފް ކުރުމުން ދައުލަތަށް ބިލިއަން ރުފިޔާ ގެއްލިގެންދާތީ މިނިސްޓަރ އިޙްސާން ކޮންބޮޑުވެވަޑައިގަންނަވާއިރު، މިނިސްޓަރުގެ ވިސްނުންފުޅަކީ ވިޔަފާރިތަކަށް ބުރަ ނުކޮށް އާމްދަނީ އިތުރުކުރުން އިތުރުވާނެ ސިޔާސަތުތަކެއް އެކުލަވާލުމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ މިނިސްޓަރ ޢަލީ އިޙްސާން އާއި ކަސްޓަމްސް ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ - އިމްޕޯޓް ޑިއުޓީ ނަގާ މުދާތަކާއި އޭގެ މިންވަރު ރިވައިސް ކުރަން ޖެހޭ ކަމަށް މިނިސްޓަރު އިޙްސާން ޤަބޫލުފުޅު ކުރައްވާއިރު ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ދިޔާނާ ވެސް އެކަމަށް ތާޢީދު ކުރައްވާ. / ފޮޓޯ: ކަސްޓަމްސް
އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް ރާއްޖޭގެ އިޤްތިޞާދަށް ނަފާ ލިބޭނެ ގޮތްތަކެއް ސަރުކާރުން ދަނީ މިހާރުވެސް ކުރަމުންނެވެ. ސަރުކާރުން މިކަން ކުރަނީ ޢާންމު ރައްޔިތުންނަށް ދަތި ނުވާގޮތަށެވެ.
އެގޮތުން މިސަރުކާރުން ވަނީ އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރާ މިންވަރު 6000 ރުފިޔާއިން 10,000ރ. ހަދާފައިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް, އެކަމުން އިސްތިސްނާވާ ބައެއް މުދާ ހިމެނެ އެވެ. އޭގެ ތެރޭގައި ދުންފަތާއި ނިކޮޓިން ހިމެނޭ ބާވަތްތަކާއި, ޝީޝާ, އެނާޖީ ޑްރިންކް, ސިންގަލް ޔޫސް ޕްލާސްޓިކް, މޮޓޯސައިކަލާއި އޮޓޯސައިކަލު, ހަތަރު ފުރޮޅުލީ ދުއްވާ އުޅަނދު, ކަނޑުގައި ދުއްވާ ތަކެތި އަދި އުޅަނދުތަކުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.
ކަސްޓަމްސް ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ ވެސް ވަނީ އިމްޕޯޓް އަދި އެކްސްޕޯޓްގެ ތަފާސްހިސާބުތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް އިސްކަންދޭކަން ކަށަވަރުކޮށްދެއްވައި މިނިސްޓަރުގެ ވިސްނުމަށް ތާއީދު ކުރައްވާފައެވެ. މީގެއިތުރުން އެކަމަނާ ބާރުއެޅުއްވީ ކަސްޓަމްސްގެ ޑޭޓާ އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަދައި، ވިޔަފާރިއާއި ސިޔާސަތުގެ ނިންމުންތައް ރަނގަޅަށް ނިންމޭނެ ގޮތް ހެދުމަށެވެ.









