ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދައުލަތުގެ ހިއްސާ އޮންނަ ޔުޓިލިޓީ ކުންފުނި ކަމަށްވާ ފެނަކައިގައި ބޮޑެތި ޖަރީމާތައް ހިންގައިފި ކަމަށް ތުހުމަތު ކުރެވެއެވެ.
ފެނަކައަކީ އަބަދުވެސް ކޮރަޕްޝަނުގެ ހާއްޔެއް ކަމަށް މީގެ ކުރިން ވެސް އަޑު އަރާފައި އޮންނައިރު، ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަންތައް ހިންގި ކަމަށް ފަޅާއެރި އެކުންފުނީގައި އެކައުންޓެންޓެއް ނެތްކަން ހާމަވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މާލީވަޒީރު ވިދާޅުވި އެއްޗަކުންނެވެ.
މިސަރުކާރު އައިއިރު ފެނަކާގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އޭގެތެރޭގައި އެސްޓީއޯއަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއާއި އަމިއްލަ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާވެސް ހިމެނޭއިރު، ފެނަކައިން އެކި ޕްރޮޖެކްޓުތަކުގެ ނަމުގައި ނުޙައްޤުން ފައިސާ ނަގާފައިވާ މިންވަރެއް އެއްވެސް ބަޔަކަށް އެނގިފައެއް ނެތެވެ. ރަށްރަށުގެ އިންޖީނުގެތަކަށް ޖަނަރޭޓަރާއި ސްޕެއާފަދަ ތަކެތި ގެނައުމުގައި ވެސް ބޮޑެތި ޢަދަދުތަކުން ކޮމިޝަން ނެގުމާއި، ގެނެސްފައިވާ ބައެއް މެޝިނަރީޒަތަކަކީ ސެކަންޑްހޭންޑް ތަކެތިކަން ވެސް ވަނީ ފަޅާއަރާފައެވެ. މީގެ އިތުރުން މިހުރިހާ ސަކަރާތެއް ޖެހީ އެ ކުންފުނީގެ އޭރުގެ ވެރިން ކަމަށް ތުހުމަތުކުރާއިރު، އެމީހުން ކަންތައްތަކެއް ހިންގިކަން އެނގޭނެ ޕްރޮފެޝަނަލް އެކައުންޓެންޓެއް ވެސް ފެނަކައިގައި ނުހުރެއެވެ. އެހެންކަމުން، އެކައުންޓެންޓެއް ނުބެހެއްޓީ ސީދާ "ޖަރީމާ" ހިންގުމަށް ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގައި ފައިނޭންޝިއަލް ރިޕޯޓެއް ތައްޔާރުކޮށްލެވޭނެ ކޮލިފައިޑް މީހަކު ވެސް ނެތްކަމަށެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޢާންމު ޚަރަދުތައް ބެލެހެއްޓުން އިޞްލާޙް ކުރުމަށް ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދެއްކެވިއިރު، މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ޤަވާޢިދުތަކަށް އިޞްލާޙް ގެނެސް ދައުލަތުގެ ކޮންމެ ކުންފުންޏަކަށް(އެސްއޯއީ) ޗާޓަޑް އެކައުންޓެންޓެއް ހޯދަން ޖެހޭނެ ގޮތަށް ނިންމި އެއް ބޭނުމަކީ ކުރީ ސަރުކާރުން ކޮށްފައިވާ މިފަދަ ވިޔާނުދާ ކަންތަކުގެ ސަބަބުން ދިމާވެގެންއުޅޭ މައްސަލަތަކާހެދި، ކުރިޔަށް އޮތް ތަނުގައި އެފަދަ ކަންތައް ހުއްޓުވުމަށެވެ.
މިނިސްޓަރު ވިދާޅުވީ ފެނަކަ އޮޑިޓް ކުރަން ދިޔައިރު އެކައުންޓެންޓެއް ނެތި ސްޓޭޓްމަންޓް ވެސް ތައްޔާރު ނުކުރެވުނު ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެސްއޯއީތަކުގެ މާލީ ހިންގުން ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަންތައްތައް އިޞްލާޙު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން، މާލީ ބަޔާންތައް ޞައްޙަކަން ކަށަވަރުކޮށްދީ، އޮޑިޓިން ޕްރޮސެސްތަކަށް މަގުފަހިކޮށްދިނުމަށްޓަކައި، ޕޮޓެންޝަލް ޗާޓަޑް އެކައުންޓެންޓުން ހޯދުމަށް ރައީސް ޑރ. މުޢިއްޒު ވަނީ އަންގަވާފައެވެ.
އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ވަނީ އެސްއޯއީތަކާ ބެހޭ ގޮތުން މިހާރު އެކުލަވާލާފައިވާ ޤާނޫނުތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަން ފާހަގަކުރައްވާފަ އެވެ. ރެގިއުލޭޓަރީ ފްރޭމްވޯކް ރަނގަޅު ކުރުމަށްޓަކައި ޤާނޫނީ އިތުރު އިޞްލާޙްތަކެއް ގެނައުމަށް ސަރުކާރުން ދަނީ ވިސްނަމުން ކަމަށް ވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެތެރެއިން މިހާތަނަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާއިހެދި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، (އެސް.ޓީ.އޯ) އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ އެއީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށެވެ.









