މަސްވެރިން ކިރި މަހަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް މި ހަފްތާ ތެރޭގައި ޖަމާކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ބުނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންނަށް ކިރި މަހުގެ ޖުމްލަ އަގަކީ 1,155,491.79 ރުފިޔާ ކަމަށާއި، ސަރުކާރުގެ އެހީތެރިކަމާއެކު އެ ފައިސާ އެއްކޮށް މަސްވެރިންނަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެ ފައިސާ އެއްކޮށް ޖަމާކުރެވޭނެ ކަމަށް މިފްކޯއިން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރު ނިމުނު އިރު މަސްވެެރިންނަށް ދޭން ޖެހޭ 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. މި މައްސަލަ ބޮޑުވެގެން މަސްވެރިން ވަނީ މުޒާހަރާތައްވެސް ކޮށްފައެވެ.
މަސްވެރިންގެ އަޑު އަހައި، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، މިހާތަނަށް މަސްވެރިންނަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ.









