ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާ ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއްކަަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ، ފަލަސްޠީނާއި އިޒްރޭލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދުކަމަށާއި އެކަމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
މީގެ އިތުރުން އިސްތިޢުމާރީ ބާރުތަކުން ފަލަޞްޠީނު މިނިވަންކޮށް ދައުލަތް ޤާއިމުކުރުމަށް އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އިސްލާމީ އަޚުލާޤީ ޙުދޫދުގެ ތެރޭގައި ތިބެ، އަޑު އުފުލައި ވަކާލާތުކުރުމާއި ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވަނީ ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވާ އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.









