ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު އެވެ.
މި އިސްލާހުގައި ހިމެނެނީ ސިނގިރޭޓާއި ބިޑިގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕްގައި ބޭނުންކުރާ ފްލޭވާ އަދި ކެމިކަލް ފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. މިގޮތުން، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓާއި ބިޑިން %50 އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާގެ ޑިއުޓީ ނަގާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެއެވެ. ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކޮށް ނެގޭނެ ކަމަށެވެ.
މީގެ އިތުރުން، ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން %50 އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާގެ ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވެއެވެ. އަދި އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކުން %200 ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފަވެއެވެ.
މި އިސްލާހުގެ ސަބަބުން އަންނަ އަހަރު ދައުލަތަށް 1.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. މި އިސްލާހަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ބެލެވެއެވެ.









