ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެވެ. އަދި އީޕީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނަޢީމެވެ.
އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދިންގޮތުގައި، މި އެއްބަސްވުމުގެ ދަށުން އީޕީއޭއިން އިސްނަގައިގެން ކުރިޔަށްގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫޢަށް އެމްޑަބްލިއުއެސްސީން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި، މަޝްރޫޢުގައި ބޭނުންކުރަމުންދާ އާރު.ވީ ތިމާވެށި އުޅަނދުގައި ފެން ޕްލާންޓެއް ބެހެއްޓުމާއި، ސާރވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުން ހިމެނެއެވެ.
މީގެ އިތުރުން، އެމްޑަބްލިއުއެސްސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މި މަޝްރޫޢަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރި ފަރަށް ބާޖެއް އަރައި، ފަރުގެ 2800 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރަސްފަރި ފަރުގެ ތިމާވެށި އަލުން އާރާސްތުވެ، ކުރިން ހުރި ފެންވަރަށް އަނބުރާ ގެނެވޭނެކަމަށް ލަފާކުރެވެއެވެ.









