އިންޑިއާގެ ސިކިމް ސްޓޭޓްގެ އަންހެނަކު ވަރަށް ގިނަ ދުވަސްވަންދެން ބަނޑުގައި ރިއްސާތީވެ، އެ ތަދު ފިލުވުމަށް އެޕެންޑިކްސް އޮޕަރޭޝަނެއް ކުރިއިރު، އެ އޮޕަރޭޝަނަށްފަހު ދެންވެސް ރިއްސަނީއެވެ.

އިންޑިއާގެ ނިއުސް ޗެނަލް އެންޑީޓީވީ އިން ބުނާ ގޮތުގައި އެ އަންހެން މީހާއަށް މި ތަދު ތަހައްމަލު ކުރަމުން އަންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭގެ ސަބަބު ހޯދުމަށް ބައެއް ޑޮކްޓަރުންނަށް ވެސް ދެއްކިއެވެ. 

އެންމެފަހުން މި ތަދާއިހެދި ކެތްނުވެގެން އަނެއްކާވެސް އޭނާ ދިޔައީ މީގެ 12 އަހަރު ކުރިން އޭނާގެ އެޕެންޑިކްސް އޮޕަރޭޝަންކުރި ހޮސްޕިޓަލަށެވެ. މިމަހުގެ ކުރީކޮޅުގައެވެ. އުމުރުން 45 އަހަރުގެ އެ އަންހެންމީހާގެ ތަހުލީލުތައް ހެދުމަށްފަހު މި އެނގުނީ 2012 ވަނަ އަހަރު އެ ހޮސްޕިޓަލުގައި އޭނާގެ އެޕެންޑިކްސްގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންނަށް އޭނާގެ ބަނޑުތެރެއަށް ސާޖިކަލް ކަތުރެއް ބޭއްވިފައިވާ ކަމެވެ.

އެއަށްފަހު ވަގުތުން އޭނާ އޮޕަރޭޝަން ކުރުމަށްފަހު އެ ކަތުރު ނެގިއެވެ. އަދި މިކަމަށް ދިޔަ ހުރިހާ ޚަރަދެއް ބެލެހެއްޓީ އެ ހޮސްޕިޓަލުންނެވެ. 

މިއީ މަދުންނަމަވެސް ޑޮކްޓަރުންގެ ފަރާތުން ދިމާވާ ކަމެކެވެ.