އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަތީ ފެންވަރުގެ ވަފުދެއް މިއަދު ޗައިނާއަށް ފުރައިފިއެވެ. މި ދަތުރަކީ ޗައިނާގެ އެމްބަސީއިން އިންތިޒާމު ކޮށްގެން ޗައިނާގެ ޒިންޖިއާން ޕްރޮވިންސަށް ކުރާ ޘަޤާފީ ދަތުރުފުޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޒަކާތު ހައުސްއާއި ފަތުވާ ކައުންސިލާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ވެރިންގެ އިތުރުން ޢިލްމުވެރިންގެ ޕޫލާއި ވާއިޒުން ވެސް ހިމެނިވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ދެޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އަދި ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ފާހަގަކުރެވެއެވެ.
މީގެ ކުރިން ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ޗައިނާއަށް ވަޑައިގެންފައިވެއެވެ. އެގޮތުން، މިދިޔަ ޖޫން މަހު ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުނު ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޗައިނާއަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލް ޙަކީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީތަކަށް ވަޒީރު ޒިޔާރަތް ކުރެއްވިއެވެ. މިފަހަރުގެ ދަތުރުފުޅުގައި ވެސް އެފަދަ ތަންތަނަށް ޒިޔާރަތްކުރައްވާ، ދެ ޤައުމުގެ އިސްލާމީ ކަންކަމާ ގުޅޭ މުއައްސަސާތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާއިން ބުންޏެވެ.
މި ދަތުރު ނިމި ވަފުދު އެނބުރި ވަޑައިގަންނަވާނެ ތާރީޚެއް މި ވަގުތު އެނގެން ނެތް ނަމަވެސް، މި ދަތުރަކީ ޗައިނާގެ އެމްބަސީއިން އިންތިޒާމު ކޮށްގެން ޗައިނާގެ ޒިންޖިއާން ޕްރޮވިންސަށް ކުރާ ޘަޤާފީ ދަތުރުފުޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.









