71 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި އަދި މުދައްރިބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ކޮމާންޑިންގ އޮފިސަރުގެ ވާހަކަފުޅުގައި އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނަށް މަރުހަބާ ދެންނެވިއެވެ. އަދި ސިފަވަންތަ ހަރުދަނާ ސޯލްޖަރުންގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލުތިމާސް ކުރެއްވިއެވެ. މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދެވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ޝަހީދު އަލިރަސްގެފާނު ކޮމްޕެނީގެ ކޮމްޕެނީ ކޮމާންޑަރ، މޭޖަރ އަޙްމަދު ޝަފީޢުއެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޒަޢީމެވެ.
71 ވަނަ އަސާސީ ތަމްރީނު ކޯހުގައި 130 ދަރިވަރުން ހިމެނޭއިރު އޭގެ ތެރޭގައި 17 އަންހެން ދަރިވަރުން ވެސް ހިމެނޭކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިންނެޓް ކާނަލް ޔޫސުފް ރަޝީދުގެ އިތުރުން ސީނިއަރ އެހެނިހެން ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.









