އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
އެގޮތުން ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ޤާއިމުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.
މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ރައީސް ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.
މީގެ އިތުރުން ޔޫ.ޕީ.އައި ޤާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.









