ފަރަންސޭސިވިލާތުގައި ބޭއްވުނު "ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން" ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަށް ވަޒީރު ފުރާވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޔުނެސްކޯ އަދި ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި މި ސަމިޓު އޮތީ މިމަހުގެ 17 އިން 18 އަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ.
މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމީ ދާއިރާގެ ތަޖުރިބާކާރުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ. އަދި މި ސަމިޓުގައި ތަޢުލީމީ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ޙިއްސާކުރުމުގެ ސެޝަންތައް ބާއްވާފައިވެއެވެ.
މި ދަތުރުފުޅުގައި ވަޒީރު މާރިޔާ ވަނީ ޔުނެސްކޯގެ އިންސްޓިޓިއުޓް ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީސް އިން އެޑިޔުކޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ، ދުނިޔޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް އުނގަންނައިދިނުމުގައި އުފެއްދުންތެރިކަން އަދާކުރާ ދައުރާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސީޝެލްސްގެ ތަޢުލީމާބެހޭ ވަޒީރާވެސް ބައްދަލުކުރައްވާ، ދެ ޤައުމުގެ ތަޢުލީމީ ސިޔާސަތުތަކާ ބެހޭގޮތުން ވަޒީރު ވަނީ މަޝްވަރާކުރައްވާފައެވެ.









