ޒަމާނީ ދަނޑުވެރިކަމަކީ ގައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ ދާއިރާއެއް: މާރިޔާ

އައިޝަތު ރުވާ ރިފްޢަތު | 11 ދުވަސް ކުރިން - 19 ނޮވެންބަރު 2025 19:59
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ
ޚުލާސާ

މިއީ ދަނޑުވެރިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އިސްދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައި އީޖާދީ ހިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ ސްޓްރެޓީޖިކް މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި.

ޒަމާނީ ދަނޑުވެރިކަމަކީ އިހްތިޔާރީކަމެއް ނޫން ކަމަށާއި، އެއީ ގައުމުގެ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއ،ި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއ،ި އަދި އިތުރުވަމުންދާ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާއެކު ކުރިމަތިލާންޖެހިފަ އެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައ،ި ޒަމާނ،ީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު، ތައާރަފުކޮށް ބޭނުންކުރުން ވަރަށް މުހިންމުކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާ މުހާތަބުކޮށް މާރިޔާ ވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާކަމެއް ނޫންކަމަށާއި، މިއީ ދަނޑުވެރިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައ،ި އީޖާދީ ހިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ ސްޓްރެޓީޖިކް މަސައްކަތެއްކަމަށެވެ.

މާރިޔާ ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންވަނީ ޒަމާނީ ދަނޑުވެރިކަން ކުރައްވާނެ ގޮތްތަކާމެދު މަޢުލޫމާތު ހޯއްދަވާފަކަމަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ކަންކަމަށް ބައްލަވައި، ގްރީންހައުސް ސިސްޓަމްތަކާއި ޒަމާނީ އާލާތްތައް ބޭނުންކުރާނެގޮތުގެ އިލްމު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ސަގާފީ ތަރިކައިގެ މުހިންމު ބައެއްކަމުގައިވާ ރުކަކީ އިގްތިސާދީ ގޮތުންވެސް ނުހަނު އަގުހުރި ވަސީލަތެއްކަން ދެނެގަނެ، ރުއް އިންދުމާއި، އެންމެ ރަނގަޅު ދަނޑުވެރިކަމުގެ އުސޫލުތަކުގެ ތަމްރީނު ވެސް ލިބިފައިވާކަމަށް އެކަމަނާ ވިދާޅުވި އެވެ.

ވެލިނުލާ ކުރާ ދަނޑުވެރިކަމާއި ޒަމާނީ ނިއުޓްރިއަންޓް މެނޭޖްމަންޓްގެ ދާއިރާގައި ޢަމަލީ ތަޖުރިބާ ލިބިފައިވުމަކީ، އަޅުގަނޑުމެންގެ ޖަޒީރާ ރަށްތަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފަދަ އީޖާދީ ޓެކްނޮލޮޖީއެއް ކަމަށާއި، އަދި ހަމައެހެންމެ، ދިރޭތަކެތި ބެލެހެއްޓުމުގެ އަމަލީ މައުލޫމާތު ލިބިފައިވުމަކީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްކަމަށް ވެސް މާރިއާ ވިދާޅުވި އެވެ. މި ހުނަރުތަކުގެ ސަބަބުން ފެސިލިޓީ ދަނޑުވެރިކަން ރޭވުންތެރިކަމާއެކު ފުޅާކުރުމަށާއި، ރާއްޖޭގެ ރުއްގަހާއި ކުކުޅުގެ ވެލިއު ޗެއިންތައް ހަރުދަނާކުރުމަށާއި، މުޅި ގައުމުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށް މަގު ފަހިވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

މާރިޔާ ވިދާޅުވީ ތަމްރީންގެ ބައިވެރިން، ލިބިފައިވާ ތަޖުރިބާއާއި އިލްމުގެ އަލީގައި، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވުންކަމަށެވެ. އަދި މިއަދު މި ނިމިގެންދާ ޕްރޮގްރާމަކީ ނިމުމެއް ކަމުގައި ދެކިވަޑައި ނުގަންނަވާކަމަށާއި، މިއީ ފެށުމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ އިރުޝާދުގެ ދަށުން، މިނިސްޓްރީ އިން މިވަނީ މިފަދަ ތަމްރީނު ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށާއި، ޒަމާނީ ފަންނުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް ތައާރަފްކުރުމަށް ހިތްވަރުދިނުމަށާއި، އަދި އަޅުގަނޑުމެންގެ އަގުހުރި ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އަޒުމް ކަނޑައަޅާފައިކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މި ވުޒާރާއިން ތަމްރީންވި ފަރާތްތަކާއި ގާތުން މަސައްކަތްކޮށް، ކުރިމަތިވާ ގޮންޖެހުންތަކުގައި އެހީތެރިކަން ފޯރުކޮށްދީ، އިތުރު ފަންނީ ތަމްރީނުތައް ރާވާ، ދަނޑުވެރިކަމުގެ ދާއިރާއިން ހާސިލުކުރައްވާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރާނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާ އެރުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%