ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ޤާނޫނާ ޚިލާފު ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިބު ރައީސް ވިދާޅުވީ މިއަދު ފެންނަމުންދަނީ ކުރީގެ ސަރުކާރަށް ލިބުނު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަގޮތުގައި ކުރަމުންދިޔަ ޤާނޫނާ ޚިލާފު ކަންކަން ފަސްއަޅައި ފޮރުވުމުގެ ނަތީޖާކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގައި މާލީ ކަންކަން ހިންގާފައިވާ ގޮތާ މެދު މިހާރުގެ ސަރުކާރުން ފާޑުކިޔުމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްވި ރައްދަކާ ގުޅިގެންނެވެ.
ނައިބު ރައީސް ވިދާޅުވީ، ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް އެކި ގޮތްގޮތުން ލިބުނު އެހީގެ ތަފްސީލުވެސް ފޮރުވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ކަންކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް މިހާރުގެ ސަރުކާރުން ބުނެފައިވާއިރު، ބަޖެޓުގެ ބޭރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވެފައިވެއެވެ.
މި މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމްވެސް ވިދާޅުވެފައިވާ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.









