ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ސަމޯއާއަށް ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް، ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ބައިނަލްއަޤުވާމީ ފެންވަރެއްގައި އިޤްތިޞާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
މީގެއިތުރުން، މި އަހަރުގެ ބައްދަލުވުމަކީ އދގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29)ގެ ކުރިން، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ކޮމަންވެލްތު އިސްވެރިންގެ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އިން 26 އަށް ސަމޯއާގައެވެ.









