ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތު ކުރެވުނު އެމްޑީ އަރަފާތު ހޮސައިން އެފަދަ ކަމެއް ކުރި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާތީ ތަހުޤީޤު ހުއްޓާލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި އަރަފާތު ހޯދައި، އިމިގްރޭޝަނާއި ޙަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ޑީޕޯޓުކޮށްލާފައެވެ.
ފުލުހުން ބުނީ އަރަފާތު ބުޅާ މަސް އަޅައިގެން ކާނާ ތައްޔާރުކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށާއި، ޖިނާޢީ ތަހުޤީޤެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލައިގެ ތަހުޤީޤު ނިންމާލާފައިވާ ކަމަށެވެ.
އަރަފާތު އަށް މި ތުހުމަތުތައް ކޮށްފައިވަނީ އަމިއްލަ ޖަމިއްޔާއަކުންނެވެ. މި މައްސަލައާ ގުޅިގެން ގިނަ އާންމުންތަކެއް ނުރުހުން ފާޅުކޮށްފައިވާއިރު، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ.
މި މައްސަލަ ފެންމަތިވެގެން ދިޔައިރު، ސޯޝަލް މީޑިއާގައި ވަނީ އޭނާ ކާތަކެތި ތައްޔާރުކުރަމުން ދިޔަ ބަދިގޭގެ ފޮޓޯތަކާއި ވީޑިއޯތައްވެސް ދައުރުވެފައެވެ. އެ މަންޒަރުތަކުން ފެނުނު ގޮތުގައި އެތަނަކީ ކާތަކެތި ތައްޔާރުކުރަން އެކަށީގެންވާ ސާފުތާހިރުކަމެއް އެއްވެސް ވަރަކަށް ހުރި ތަނެއް ނޫނެވެ.









