މިސަރުކާރުން ތުރުކިޔޭއިން ޑުރޯން ގަނެފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ޤާނޫނާއި ޚިލާފަށް ކަމަށާއި، ކޮންޓިންޖެންސީ ބަޖެޓުން ޚަރަދުކުރީ ކުރީގެ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓުވުމަށް ފަހުގައި ކަމަށް އެމްޑީޕީން ކުރި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރުގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބޭނުމަށް ގަނެފައިވާ ޑުރޯންތައް ގަތީ ޤާނޫނު އަސާސީއާއި ޚިލާފަށް ނޫން ކަމަށާއި އެތަކެތި ގަނެފައިވަނީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް "ސްޕޭސް"ގެ ތެރެއިންނެވެ.
"ޑުރޯން ގަތީ ޤާނޫނާއި ޚިލާފަށް ނޫން. މާލިއްޔަތު ޤާނޫނާއި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ކޮށްފައިވަނީ" މޫސާ ޒަމީރު ވިދާޅުވިއެވެ.
މަޝްރޫޢުތައް މަޑުޖެހި ފައިސާތައް ކުންފުނިތަކަށް ނުދޭ ވާޙަކަތަކުގެ ޙަޤީޤަތްވެސް ޒަމީރު ސާފުކޮށްދެއްވިއެވެ. އެމްޑީޕީގެ ގިނަ މަޝްރޫޢުތައް މިސަރުކާރުން މަޑުޖެއްސީކީ ނޫންކަމަށް މާލީ ވަޒީރު ވަރަށް ސާފުކޮށް ބަޔާންކުރެއްވިއެވެ. އެ ޕްރޮޖެކްޓުތަކަށް އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ޕްރޮޖެްޓުތަކުގެ އަގުމަގުކޮށްފައިވަނީ އެއްވެސް ސްޓަޑީ ކުރުމެއް ނެތިއެވެ.
މީގެ ކުރިން ވެސް ސަރުކާރުން ބުނީ އެމްޑީޕީން ކުދި އަދި މެދުފަންތީގެ ކުންފުނިތައް ބަނގުރޫޓުކޮށްލީ ޕްރޮޖެކްޓުތައް ޙަވާލުކުރުމަށްފަހު ބަޖެޓުގައި ނެތް ފައިސާއެއްގެ ދަޅަ ދައްކައިގެންނެވެ. އެހެންނަމަވެސް މިސަރުކާރުން ވަނީ އެމްޑީޕީން ބަނގުރޫޓްކޮށްލި ކުންފުނިތަކަށް ޙައްޤުވާ ފައިސާ ދޭން ފަށާފައެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ މިހާރުވެސް ދެމުންދާ ކަމަށާއި އެކަމަކު ކުޑަ ދަތިތަކެއް އަދިވެސް އުޅެއެވެ. ނަމަވެސް އެކަން ހައްލުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
|ސަރުކާރުން ގެނައި ޑުރޯންގެ ޙަޤީޤަތް އޮޅުވާލަން އެމްޑީޕީން މަސައްކަތް ކުރިޔަސް އެކަން މާލީ ހިސާބުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ. ޤާނޫނާއި ޚިލާފަށް އެމްއެންޑީއެފަށް ޑުރޯންއާއި އަދި އެއާއި ގުޅޭ އެއްވެސް އެއްޗެއް ގެނެސްފައި ނުވާއިރު، ނިޒާމުގެ ތެރެއިން، ރާއްޖޭގެ އަސްކަރިއްޔާއަށް ގެނައި ޑުރޯންއާއެކު ދިވެހި އަސްކަރިއްޔާ އިން ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި ގިނަ އާލާތްތައް ތުރްކިޔޭ އިން ރާއްޖެ އަށް ހަދިޔާކުރިއެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލަތްތަކާއެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.
މި ޑްރާންތަކުގައި ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަށް ގެނެސްފައިވާ މި ޑުރޯނަކީ އެންމެ ނާޒުކު ވަގުތުތަކުގައި ވެސް އޭގެ ބޭނުން ހިފޭނެ ޑުރޯނެކެވެ.









