އެއްމިލިއަން ގަސް އިންދުމުގެ ހަރަކާތެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކ. ތިލަފުށީގައި ފަށައިފިއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމާއި އެމްޕީއެލްގެ ސީއީއޯ އިސްމާއިލް ވަޖީހު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު ތޯރިގް ވިދާޅުވީ އެމްޕީއެލުން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އެމްޕީއެލްއިން އިންދާނެކަމަށެވެ. މި މަސައްކަތް ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ކްލަބާއި ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް މުޢިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފެށީ މިދިޔަ ޖޫން 5 ގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
މި ޕްރޮގްރާމް ތެރެއިން ރާއްޖޭގައި މަދުވެފައިވާ 22 ވައްތަރެއްގެ ގަސް އިންދާފައިވެއެވެ. އޭގެ ތެރޭގައި ކާބޮޅި އަރޮޅި، ކާމިނީ ޕޫލް، ކިޔަވާ ފިލާ ގަސް، ތަނޑިރަތްމާ، މެހެލި، ކަހަރުވައް ގަސް، ޗަންޕާ ޕޫލް ގަސް، މަރުގަސް، ޖަވާހިރުމާ، ދޮންބެއްޔާ، ޗާންދަނީ މާ، ސަބްދެލި ގަސް، އަނޯނާ، ހިތި، މަދޮށި، ސައްކެޔޮ، އަނބުޅަ، ކީރަންމާ، ހަޒާރުމާ، ބުރަފަތިމާ ހިމެނެއެވެ.
އެމްޕީއެލްއިން މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމައިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު އެއް މިލިއަން ގަސް އިންދުމުގެ އަމާޒު ޙާޞިލްކުރުމަށް މަސައްކަތްކުރާނެ ކަމަށް ވަޖީހު ވިދު ވިދާޅުވިއެވެ.









