އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުން އަޑުއިވުނީ ފިތްކަނޑައިގެން ދާކަހަލަ ވާހަކަ ތަކެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފަޅާއަރުވާލީ އެމްޑީޕީ ސަރުކާރުގެ ސިއްސުވާލާފަދަ އަދި ފާޅުކަން ބޮޑު ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަނެވެ. މިދިޔަ ވެރިކަމުގެ ފަހު ތިންއަހަރު ތެރޭގައި ސަރުކާރުގެ ތިޖޫރީގައި ހުރި ރައްޔިތުންގެ ފައިސާތަކުން ވައްކަންކޮށް ދައުލަތުގެ ނަޒާހަތްތެރިކަން ގެއްލުވާލީ ވަރަށް ވެސް ރަޙުމް ކުޑަ ގޮތަކަށެވެ. ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ދައުލަތުގައި ތިބި ވެރިންތަކެއް ވަނީ "ކައި ހުސްކޮށްފައެވެ"
އެވަރުގެ ބޮޑު ލޫޓުވުމެއް އެމްޑީޕީން ލޫޓުވީ ކިހިނެއް؟
މޫސާ ޒަމީރުގެ ވާހަކަތަކުން އެނގުނީ އެމްޑީޕީ ވެރިކަމުގެ ފަހު 3 އަހަރުގައި އެ ވައްކަން ކޮށްފައިވަނީ ޒިންމާދާރުކަމާއެކު ގައުމުގެ މާލިއްޔަތު ބެލެހެއްޓޭ ކަމަށް ހަދައިގެންނެވެ. އެމީހުންގެ ކޮރަޕްޓް ޖަރީމާތައް ފޮރުވުމަށް "ފިސްކަލް މެނޭޖްމަންޓް" ގެ ކަވަރު ބޭނުންކޮށް، ބަޖެޓާއި މާލީ ކަންކަން ރަނގަޅަށް ބެލެހެއްޓޭ ކަމަށް އާންމުންނަށް އޮޅުވާލައި ދެބިލިއަން ރުފިޔާ އަށް ހެދި ނެހެދި އެއްޗެއްވެސް ނޭނގެއެވެ.
ބޭނުންކުރި މުހިންމު އެއް އުކުޅަކީ މަޝްރޫޢުތަކަށް ހޭދަކުރާ އަސްލު ޢަދަދު އޮޅުވާޅުމެވެ.. ބެލެވޭ ގޮތުގައި ދެބިލިއަނާއި 10 ބިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް އެމްޑީޕީ ސަރުކާރުން ވަނީ ރައްޔިތުންގެ ފައިސާއަށް އޮޅުވާލާފައެވެ.. ޚިޔާނާތްތެރިވެފައެވެ.
މިތައް ބިލިއަން ރުފިޔާއާ ދެމެދުގެ ބޮޑެތި ފައިސާ، އަންނަން އޮތް އަހަރުގައި ޚަރަދުކުރި ކަމަށް ޖަހައި ބަޖެޓުތަކުގެ ބެލެންސް ކޮށްފައި ވަނީ ރައްޔިތުންނަަށް އޮޅުވާޅުމުގެ ތެރެއިންނެވެ. މިވަގުތަށް ދެބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ނޭނގި އެމްޑީޕީ ސަރުކާރުން ބޭނުންކޮށްފިކަމަށް އެނގެން އެބައޮތެވެ. ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި އަދިވެސް އެފަދަ ބިލްތަކެއް ހުރެދާނެ ކަމަށް ބުރަވެވޭތީ އޮޑިޓް އޮފީހުގައި ވަނީ އެކަން އިތުރަށް ބަލައިދިނުމަށް އެދިފައެވެ.
ފައިސާ ނުދައްކާ ބިލްތަކާއި ފައިސާގެ ޢަދަދުތައް ޖެހުމުގައި ވެސް ހީލަތްތެރިކަން
ކުރީގެ ސަރުކާރުން ޢާންމު މަޝްރޫއުތަކަށް ބަޖެޓު ބެހުމުގައި ވެސް ގޯސްތަކެއް ހަދައި އޮޅުވާލުމުގެ ޢަމަލުތައް ވަނީ ހިންގާފައެވެ. ޕްރޮޖެކްޓްތައް އެވޯޑްކޮށް ކޮންޓްރެކްޓް ކުރި ނަމަވެސް، އެ ޕްރޮޖެކްޓްތަކަށް ފައިސާ ދީފައެއް ނުވެއެވެ. އެހެންކަމުން ، ނުދައްކާ ބިލްތަކުގެ ބެކްލޮގެއް އުފެދިގެން ދިޔަ އެވެ. 2023 ވަނަ އަހަރާއި އޭގެ ކުރީ އަހަރުތަކުގެ ބިލްތަކުގެ ތެރެއިން 2.5 ބިލިއަން ރުފިޔާގެ ބިލްތައް ހުރީ މިހާރުގެ ބަޖެޓަށް ބަދަލުކޮށްފައެވެ. މިދިޔަ އަހަރުގެ ޕޭމަންޓްގެ ގޮތުގައި 3 ބިލިއަން ރުފިޔާ މިއަހަރުގެ ކޭޝްފްލޯއަށް ވަނީ ޖަހާފައެވެ. މިކަމުގެ ސަބަބުން މަޝްރޫޢުތަކަށް ފައިސާ ނުލިބުމުގެ އިތުރުން މިހާރުގެ ވެރިކަމަށް ބޮޑު މާލީ ބުރައެއް އުފުލި، މި ގޯސްތައް ސާފުކުރަން މަޖުބޫރުވި އެވެ.
ބަޖެޓް ތައްޔާރުކުރުމުގައި ވެސް ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަން
އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު، މަޝްރޫޢުތަކަށް ބަޖެޓުން ކަނޑައެޅޭ މިންވަރު ދަށްކޮށް، ޕްލޭން ނުކުރެވި ހުރި އެހެން ޚަރަދުތައް ފޫބެއްދުމަށް ސަޕްލިމެންޓަރީ ބަޖެޓްތައް ހުށަހެޅި އެވެ. މިއީ ޙަޤީޤަތް ފޮރުވައި، ޢާންމުންނަށް އޮޅުވާލައި، ރައްޔިތުންގެ އަތުން ވައްކަން ކުރުމަށް ކުރި ކަމެކެވެ. ރަށްތަކާއި ފަޅުތައް ހިމެނޭ ގޮތަށް ދައުލަތުގެ ހަރު މުދާތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި ފަރާތްތަކަށް ބަހައިލުމުގެ ތެރެއިން ހިންގި ޖަރީމާއެކެވެ.
"ޑިސްބަރސްމަންޓް ކޯޑުން ބަޖެޓު އުނިކޮށްގެން އެހެން ޚަރަދުތައް ކުރުމަށް ފަހުގައި، ސަޕްލިމަންޓް ބަޖެޓު ހުށަހަޅާގެން މަތި އޮމާންކުރުމުގެ ތެރެއިން ލިބިގަނެފައި. މިއީ ކަމުގެ ހަޤީގަތް ފޮރުވުމަށް ނުވަތަ އޮޅުވާލުމަށް ކޮށްފައި ކަމެއްގެ ސިފަ މި ފެންނަނީ" މާލީ ވަޒީރު ވިދާޅުވިއެވެ.
ބަޖެޓުގައިވާ ޢަދަދަށްވުރެ އިތުރަށް ޚަރަދު ކުރުމަށްފަހު އަނެއްކާވެސް ރައްޔިތުންގެ ފައިސާތައް ހޭދަކުރުން އެއީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ. ކުރުކޮށް ބުނާނަމަ ސަޕްލިމެންޓަރީ ބަޖެޓެއް ހޯދުން އެއީ އެ ޙާލަތުގައި ޤާނޫނު އަސާސީއާއި ޚިލާފު ކަމެކެވެ. އޭޖީ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށާއި އެކުރީ ކުށެއް ކަމަށެވެ.
"ބަޖެޓުގައި އިންނަ ވަރަށްވުރެ އިތުރަށް ބޭނުން ކުރުމަށްފަހު ސަޕްލިމެންޓަރީ ބަޖެޓަށް އެދުމަކީ ޤާނޫނުއަސާސީއާ ވެސް ޚިލާފު ކަމެއް." ބަންޑާރަނައިބު ވިދާޅުވިއެވެ.
ވަގަށް ނަގައިފައިވާ ބިލިއަން ރުފިޔާއަށް ޖަވާބުދާރީވުން
ރައްޔިތުންގެ ފައިސާގެ ބެލެނިވެރިފަރާތަށް ނޭނގި އެމްޑީޕީ ސަރުކާރުން ބޭނުންކުރީ ނުވަތަ ޚިޔާނާތްތެރިވީ އަސްލު ޢަދަދެއް އަދިވެސް ނޭނގެއެވެ. ކަށަވަރުކަމާއެކު ދެބިލިއަން ރުފިޔާ މިހާރުވެސް ފެންނަން އެބައޮތެވެ. ކުރީގެ ސަރުކާރުން ހިންގި މަކަރާއި ހީލަތާއި ވައްކަމާއި ކޮރަޕްޝަންގެ މިންވަރު ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ޙައްޤުވާއިރު، މާލީ ނަޒާޙަތްތެރިކަން އަލުން އާލާކުރުމަށް، ފިނޭންސް މިނިސްޓްރީއަށް ނާންގައި ދެބިލިއަން ރުފިޔާ ބޭނުންކޮށްލި މައްސަލަ ބަލައި އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ އިއްޔެ ވިދާޅުވެފައެވެ.









