ވޭތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ޚަރަދު ރެކޯޑުކުރުމުގައި ހުރި ސީރިއަސް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން ބިލިޔަނުން ފައިސާ ޚަރަދުކުރުމަށްފަހު، މާލީ ވުޒާރާގެ ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވިވާ ކަމަށެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ޚަރަދުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
"މި މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވޭ. ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ރިޕޯޓް ފޯރުކޮށްދޭނެ. އެ އޮފީހުން އެއަށްފަހު ރިޕޯޓަށް ބިނާކޮށް އަޅާނެ ފިޔަވަޅުތައް ނިންމާނީ," އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަންކަން ކޮށް ހިސާބު ބެލެހެއްޓުމުގައި ގޯސް ހަދާފައިވާ ފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.









