އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް މި މޭރުމުން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެއްވެ އުޅުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
މެމްބަރު މީކާއިލް ބަންޑާރަ ނައިބާ ކުރެއްވި ސުވާލަކީ، އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް އުޝާމް ކުރިން ވިދާޅުވެފައިވާތީ، އެ ގާނޫނު ބާތިލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި، އެ އިސްލާހު ވަރަށް އަވަހަށް އިސްލާހުކުރަން މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބޭ ހައްގުތަކަކީ އެއްވެސް އިމެއް ނެތް ގޮތުގައި ހައްދެއް ނެތް ގޮތުގައި ލިބޭ މިނިވަންކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ގާނޫނުއަސާސީން ލިބޭ ކޮންމެ މިނިވަންކަމަކީ ވެސް އޭގެ ޒިންމާތަކަކާ މަސްއޫލިއްޔަތުތަކެއް އޭގައި އެކުލެވިގެންވާ ހައްގުތަކެއް ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނު ހަރުކަށިކޮށް، އެއްވެވޭ ތަންތަން މަދުވާ ގޮތަށް ގާނޫނަށް ބަދަލުގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު އެވެ. އެއްވެ އުޅުމުގެ ގާނޫނަށް ގެނެވުނު އެ ބަދަލާއެކު، މާލޭގައި ހުއްދަ ނުހޯދާ އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.
އެއްވެ އުޅުމުގެ ގާނޫނު ހަރުކަށިކުރުމުން އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީއިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ ގާނޫނު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ގާނޫނުއަސާސީއާ ހިލާފު އެ ގާނޫނު އުވާލައި ކުރިން އޮތްގޮތަށް ގާނޫނު ބަދަލުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމަށް ފަހު އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމުގެ އެއްވެސް މަސައްކަތެއް އެމްޑީފީއިން ކޮށްފައެއް ނުވެ އެވެ.