ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނީ އަލަށް އެކުލަވާލަމުންދާ ރިއަލް އެސްޓޭޓް ގާނޫނާއި ރާއްޖޭގައި މިހާރުވެސް އޮތް ގާނޫނީ އިމުގެ ތެރެއިން ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވަޒީރުންނާ ސުވާލު ކުރުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ކޮމާޝަލް އެގްރީމަންޓުގައި ސޮއިކުރުމުގެ ކުރިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބަންޑާރަ ނައިބުގެ އޮފީހުން ގާނޫނީ ލަފާ ހޯއްދެވި ކަމަށެވެ. އަދި އެ ކޮމާޝަލް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޭޖީ އޮފީހުގެ ގާނޫނީ ލަފާ ލިބުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ރަސްމީ އެގްރީމަންޓެއްގައި ސޮއިކުރެވޭނީ ކޮމާޝަލް ޓާމްސްގެ މައްޗަށް ބިނާކޮށް ކުރެވޭ ނެގޯޝިއޭޝަންތަކަށް ފަހުގައެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ އައު ގާނޫނުތަކަކާއި، ބައެއް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަން އޭނާ ހާމަކުރެއްވިއެވެ.
އަލަށް ފާސްކުރަންޖެހޭ ގާނޫނާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭޖީ ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ނެތް އައު ސިނާއަތެއް ތައާރަފްކުރުމަށް އެކުލަވާލާ ގާނޫނެއް ކަމަށެވެ. އެއީ ޓޫރިޒަމް އިންޑަސްޓްރީއަށް އެކަނި ބަރޯސާނުވެ، ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް މާކެޓެއް ތައާރަފްކުރުމެވެ. މިހާރު ރާއްޖޭގައި އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރެވެން ނެތުމުން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ "ރިއަލް އެސްޓޭޓް ގާނޫނު" އެކުލަވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ގާނޫނަކީ ހަމައެކަނި ރަސްމާލެ މަޝްރޫއަށް ހާއްސަކޮށްގެން ހަދާ ގާނޫނެއް ނޫން ކަމަށާއި، މި ގާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް މިފަދަ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ރަސްމާލެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މި ގާނޫނު އެކުލަވާލުމަށްފަހު، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ.
ވިސާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، އިމިގްރޭޝަން ގާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންސް ވިސާއަކީ މިހާރުވެސް ރާއްޖޭގައި ދޫކުރަމުން އަންނަ ވިސާއެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މި ވިސާ ތައާރަފްކުރީ ޓޫރިޒަމްގެ އިތުރުން ރިއަލް އެސްޓޭޓް މާކެޓް ކުރިއެރުވުމުގެ ބޭނުމުގައެވެ.
އުޝާމް ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު އެކުލަވާލި ގަވާއިދުގައި، ރާއްޖޭގައި 50 މިލިއަން ޑޮލަރު އިންވެސްޓްކޮށްފިނަމަ އެ އިންވެސްޓްމަންޓެއްގެ މުއްދަތަށް (މިސާލަކަށް 99 އަހަރަށް ރިސޯޓެއް ކުއްޔަށް ހިފާފައިވާނަމަ 99 އަހަރަށް) ވިސާ ލިބޭ ގޮތަށް އޮތެވެ. އަދި އޭގެފަހުން 2020 ވަނަ އަހަރު ނިމިދިޔަ ސަރުކާރުން އިމިގްރޭޝަން ގާނޫނާއި ގަވާއިދަށް ގެނައި އިސްލާހާއެކު، އިންވެސްޓްމަންޓްގެ އަގު 250،000 ޑޮލަރަށް ކުޑަކޮށް، 5 އަހަރުން އާކުރެވޭ ގޮތަށް ވިސާ ދޫކުރަން ފެށި ކަމަށް އޭނާ ހަނދާންކޮށްދެއްވިއެވެ.
އެހެންކަމުން، ރަސްމާލެ މަޝްރޫއުގައިވެސް ވިސާ ދިނުމުގެ ކަންކަން ކުރިއަށްދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި، މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް މި މަޝްރޫއުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބަންޑާރަ ނައިބު ވަނީ ދެއްވާފައެވެ.





