އިސްރާއީލުގެ ރަށްބޭރުގައި އޮންނަ ޤަޔިޞަރިއްޔާގައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެކޮޅަށް އަމާޒުކޮށް ހިޒްބުالله އިން ޑްރޯން ހަމަލާއެއް ދީފިއެވެ. ޓެލްއަވީވް ކައިރީގައި އޮންނަ ޤަޔިޞަރިއްޔާގެ ގެޔަށް ދިން މި ހަމަލާގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި، ހަމަލާ ދިން ވަގުތު ނަތަންޔާހޫ ގެކޮޅަކު ނޫޅުއްވައެވެ. މި ހަމަލާގައި ތިން ޑްރޯން ބައިވެރިވިއިރު، އޭގެ ތެރެއިން ދެ ޑްރޯން އިސްރާއީލު ސިފައިން ހުއްޓުވާފައިވާއިރު، ތިންވަނަ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު މިންވަރު އަދި ސާފެއް ނުވެ އެވެ.
ޑްރޯން ހަމަލާގެ ޒިންމާ ހިޒްބުالله އިން ނުނަގާ ނަމަވެސް، އިސްރާއީލުގެ ހައިފާ ސިޓީއަށް އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްގެން ބޮޑެތި ރޮކެޓް ހަމަލާތަކެއް ދީފައިވާކަން އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައިފާގެ ހަމަލާތަކުގައި 13 މީހަކު ޒަޚަމްވެ، އެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެއްޖެ އެވެ.
ޑްރޯން ހަމަލާއާ ގުޅިގެން އިސްރާއީލުގެ ސިފައިން ވަނީ ނަތަންޔާހޫގެ ގެކޮޅު ވަށައިގެންވާ ސަރަހައްދު ވަށާލައި، ނޫސްވެރިންނަށް ވަދެވޭނެ ގޮތް ހަނިކޮށްފަ އެވެ. ސަބަބަކީ ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލްތައް ފޮރުވުމަށެވެ. މި ހާދިސާ ހިނގާފައިވަނީ ލުބުނާނުގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރޭގައި ސެޕްޓެމްބަރު 23 ވަނަ ދުވަހު އެ ހާލަތު ގޯސްވާން ފެށި ފަހުން 2،300 އަށް ވުރެ ގިނަ އާންމުން މަރުވެ ގާތްގަނޑަކަށް 1.2 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ. އދ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެދޮރު ގެއްލިފައިވާ ގިނަ އާންމުން ދިރިއުޅެމުންދަނީ މަގުމަތީގައި ވެސް ނުރައްކާތެރި ހާލަތްތަކެއްގަ އެވެ.
އިސްރާއީލުގެ ސަލާމަތީ އޮފިޝަލުން ވަނީ ހަމަލާގެ ކުރިން ޑްރޯންތައް ފާހަގަ ނުކުރެވި ހުރި މައްސަލަ ތަހުގީގު ކުރަން އިއުލާންކޮށްފަ އެވެ. ހާއްސަކޮށް އަމާޒުކޮށްފައިވާ ސަރަހައްދު އަސްކަރީ މަރުކަޒުތަކާއި ތެޔޮ ސާފުކުރާ ތަންތަން ފަދަ އެހެން ސްޓްރެޓެޖިކް ސައިޓްތަކާ ކައިރިވުމުން އެގައުމުގެ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލާ ވަރުގެ ބާރުގަދަ ހަތިޔާރުތައް ހިޒްބުﷲގައި ހުރުމުން އިސްރާއީލުގެ ސަލާމަތާއި ބެހޭގޮތުން ވަނީ ބޮޑެތި ސުވާލުތައް އުފެދިފައެވެ.









