އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތްތައް ފެށުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މިކަން ހާސިލުކުރުމަށްޓަކައި ބޭންކަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ބޭންކު ހުޅުވުމަށް ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިއީ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ބޭންކެކެވެ. އެމްއެމްއޭއިން ލައިސެންސް ދީފައިވަނީ ބޭންކުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރ މަހުގެ 12 ގެ ކުރިން ފަށަންޖެހޭ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާފައިވަނީ މިއަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. މި ބޭންކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަރަޙައްދީ އަދި ފަރުދީ ތަނަވަސްކަމުގެ ފަރަގު ކުޑަކުރުމާއި، ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް އެހީތެރިވުން ހިމެނެއެވެ.
ބޭންކުން މަސައްކަތް ކުރާނެ މައިގަނޑުަނޑު ފަސް ދާއިރާގެ ތެރޭގައި ހަކަތައާއި ކާބޯތަކެތީގެ ޔަގީންކަން، ވަޒަންވެރިކަމާއި ބޯހިޔާވަހިކަން، ތިމާވެށި ހިމާޔަތްކުރުން، ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރު، އަދި ކަނޑުގެ އިޤްތިޞާދީ ހަރަކާތްތައް ހިމެނެއެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ އިމާރާތް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ޗާންދަނީ މަގާއި އަމީރު އަޙްމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގގެ ތިރީ ފަންގިފިލާގައެވެ. މި ބޭންކުގެ ޚިދުމަތްތައް ފެށިގެން ދިއުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.









