ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްޭޓްސް (ޔޫއޭއީ) އެމްބަސީން ކުލި ނުދައްކާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ ނުބެލޭނެ ކަމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ގ. ނިއުޝާ އިމާރާތުގެ ވެރިފަރާތް ކަމަށްވާ އާމިނަތު އަހުމަދު ދީދީއެވެ. ޔޫއޭއީ އެމްބަސީން އެ އިމާރާތުގެ ތިން ފަންގިފިލާ ކުއްޔަށް ނަގާފައިވާއިރު، ކުލި ނުދައްކާ ކަމަށް ބުނެ އޭނާ ވަނީ މައްސަލަ ހުށަހަޅާފައެވެ.
ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ނިންމެވީ، މި މައްސަލައަކީ ޔޫއޭއީ އެމްބަސީއާއި އަމިއްލަ ފަރާތަކާ ދެމެދު އުފެދުނު މަދަނީ ޚުސޫމާތަކާ ގުޅިގެން ހުށަހެޅިފައިވާ ދައުވާއެއް ކަމަށާއި، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކަކީ "ވިއެނާ ކޮންވެންޗަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" ގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށެވެ. އެހެންކަމުން، އެފަދަ އިމްތިޔާޒު ލިބިގެންވާ ފަރާތެއްގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލައިގެން ނުވާނެ ކަމަށް ނިންމެވިއެވެ.
އާމިނަތު އަހުމަދު ދީދީގެ ދައުވާގައިވާ ގޮތުން، ގ. ނިއުޝާ ގޭގެ 5، 6، އަދި 7 ވަނަ ފަންގިފިލާ 1 މޭއި 2020 އިން ފެށިގެން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޔޫއޭއީ އެމްބަސީ ހިންގުމަށް ކުއްޔަށް ދިން ނަމަވެސް އެ މުއްދަތުގެ ކުއްޔަށްވާ 42،957 އެމެރިކާ ޑޮލަރު ލިބިފައި ނުވެއެވެ. އަދި އޭނާ ވަނީ ކުއްޔަށްވާ މި އަދަދުގެ އިތުރުން، ނޯޓިސްއެއް ދިނުމެއް ނެތި އެއްބަސްވުން އުވާލާފައިވާތީ، ތިން މަސް ދުވަހުގެ ކުއްޔަށްވާ 48،720 އެމެރިކާ ޑޮލަރާއި ޤާނޫނީ ޚަރަދުގެ ގޮތުގައި 750 އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ހޯދުމަށް އެދިފައެވެ.
މި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އާމިނަތު އަހުމަދު ދީދީގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައެވެ.









