މާލެ ސިޓީގައި ދިގު މުއްދަތެއް ވަންދެން ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވީ ރައީސް މުޙައްމަދު މުޢިއްޒު ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. ނަރީޝް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަރީޝް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ކުރީގެ ސަރުކާރުތަކުން ވެސް ދައްކަމުން އައި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް މި މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ޢަމަލީ މަސައްކަތް ފެށުނީ މާލޭ ސިޓީ މޭޔަރަކަށް ޑރ. މުޙައްމަދު މުޢިއްޒު ހުންނަވައިގެން ފެއްޓެވި މަސައްކަތުން ކަމަށް ނަރީޝް ވިދާޅުވިއެވެ.
"ކައުންސިލްގައި ރައީސް މުޢިއްޒު ހުންނަވައިގެން ބުޅަލުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯއްދަވަން ކުރަމުން އައި މަސައްކަތް ހުއްޓުނީ ކުރީގެ ސަރުކާރުން އެކަމަށް ދޭންޖެހޭ ބިން ނުދީ ހިފެހެއްޓުމުން" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ރައީސްކަމަށް އިންތިޚާބުވުމާއެކު، ފުރަތަމަ އަހަރު ތެރޭގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ޙަވާލުކޮށްގެން، މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ސަރުކާރުން ހުޅުމާލެއިން ފަހިކޮށްދިން ބިމުގައި މިހާރު ވަނީ ކެޓް ޝެލްޓަރެއް ބިނާކޮށް ނިމިފައެވެ.. މި ޝެލްޓަރ އަންނަ މަހުގެ ކުރީކޮޅު ހުޅުވުމަށް ވަނީ ތައްޔާރުވެފައިވާ ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.
"މިއީ ސީދާ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރޮޖެކްޓެއް. މި ކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން" ނަރީޝް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންގެ މި ބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ޙައްޤު ޝުކުރު ރައީސް މުއިއްޒަށް ދަންނަވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.









