ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްގައި އަޅާފައިވާ ފެންހޮޅީގެ މަސައްކަތް މި އަހަރު ތެރޭގައި ނިމޭނެ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިހާރު ސިނަމާލެ ބްރިޖްގައި އަޅާފައިވާ ފެންހޮޅި ޕަމްޕް ސްޓޭޝަނަށް ލާފައި ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތް ނިމުމުން މާލޭގެ ވޯޓަރ ސެކިއުރިޓީ ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާރު ޕަމްޕް ސްޓޭޝަން ހަދާ ހޮޅި އެކްޓިވް ކުރެވޭނެ، މި އަހަރު ނިމޭއިރު، މި މަސައްކަތް ނިމުނީމަ މާލޭގެ ވޯޓާ ސެކިއުރިޓީ ވަރުގަދަ ވެގެން ދާނީ، މާލޭގައި އިތުރަށް ފެން ބޭނުންވާ ކަމަށްވަންޏާ، ހުޅުމާލެ އިން ފެން ޕަމްޕް ކުރެވޭނެ، މާލެ އިން ހުޅުލެއަށް ފެން ޕަމްޕް ކުރެވޭނެ" ވަޒީރު ވިދާޅުވިއެވެ.
Advertisement

މި މަޝްރޫއަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާ ހެދި މަޑުޖެހިފައި އޮތް މަޝްރޫއެކެވެ. އެމްޑަބްލިޔުއެސްސީން އަލުން މި މަސައްކަތް ފެށީ މި އަހަރުގެ ޖުލައި 9 ވަނަ ދުވަހުއެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވެއެވެ.







