ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމަށް ހުށަހެޅި ޕްރޮޕޯސަލްއަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިގު އިބްރާހީމެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއާ ރިޒާވް ހެދުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު އެންމެ ޕްރޮޕޯސަލްއަކީ ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމަށް ހުށަހެޅި ޕްރޮޕޯސަލް ކަމަށެވެ.
"އެ ބޭފުޅުންގެ ޕްރޮޕޯސަލް އަޅުގަނޑުމެން މި ވަނީ އިވެލުއޭޓްކޮށް، އެ ބޭފުޅުންނަށް ބަޔޮސްފިއާ ރިޒާވް ހެދޭނެކަން އަޅުގަނޑުމެން މި ވަނީ އަންގާފައި," ވަޒީރު ވިދާޅުވިއެވެ.
Advertisement

މި މަޝްރޫޢަށް ބޭނުންވާ ފައިސާ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީން ހަމަޖެހިފައިވާ ކަމަށާއި، މި ކަން އަތޮޅު ކައުންސިލަށްވެސް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ސަރަހައްދުތައް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ އެއީ ކޯ އޭރިޔާ، ބަފަރ ޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި 93 ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 63,468 ހެކްޓަރެވެ.
ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ މުހިންމު ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ރައީސްގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ގާއިމްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޕްރޮޕޯސަލްތައް ދިރާސާކޮށް މިހާރު ނިމިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.







