ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ބައިސްކަލު ދުއްވުމުގެ މަޝްރޫޢެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގް އިބްރާހިމްއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން 100 ބައިސްކަލް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"ވަރަށް އަވަހަށް މި ބައިސްކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ," ވަޒީރު ވިދާޅުވިއެވެ.
Advertisement

ވަޒީރު އިތުރަށް ވިދާޅުވީ މި ބެޓަރީ ބައިސްކަލުތަކަކީ ސޯލާ ޗާޖިންގވެސް ހެދޭ ގޮތަށް ހުންނަ ބައިސްކަލްތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، މި ސިސްޓަމް ހުޅުމާލޭގައި ގާއިމްކުރުމަށް ބޭނުންވާ ދިރާސާތައް ނިމިފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އެޗްޑީސީއާއެކު މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ނިޒާމުގައި ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމެވެ. މިއީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއް ކަމަށް ފާހަގަކުރެވެއެވެ.







