ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޑެސްޓިނޭޝަން އެޑްވާންސްމަންޓް ތްރޫ އެނަލިޓިކްސް" ފޯރަމް އިއްޔެ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ފޯރަމަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި އީ-ޓޫރިޒަމް ފްރޮންޓިއާސް ގުޅިގެން އިންތިޒާމުކުރި އެއް ދުވަހުގެ ޚާއްޞަ ހަރަކާތެކެވެ.
ފޯރަމްގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޑޭޓާ ދާއިރާގެ މުހިންމު ފަރާތްތައް ބައިވެރިވެ، ކޮންޒިއުމަރ އެންގޭޖްމަންޓް، ޑެސްޓިނޭޝަން މެނޭޖްމަންޓް އަދި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި އޮޕަރޭޝަނަލް އިފެކްޓިވްކަން އިތުރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، ޓްރެވަލް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ޑޭޓާގެ ބޭނުން ހަރުދަނާ ގޮތުގައި ހިފުމުގެ ގާބިލުކަން މިވަނީ ވިޔަފާރިތަކަށް ބޭނުންތެރިކަމަކަށް ބަދަލުވެފައެވެ. މި ފޯރަމަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޕްރޮޕަޓީތަކާއި ޕްރޮފެޝަނަލުންނަށް ބޭނުންވާ ވަސީލަތްތަކާއި ޚިޔާލުތައް ހޯދައިދިނުމަށް ޚާއްޞަ ފޯރަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި އީ-ޓޫރިޒަމް ފްރޮންޓިއަރސް، ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑް، ޔޫނިއަން ޕޭ، މެލްޓްވޯޓާ، ފޯވާޑް ކީސް، އަދާރާ، ބުކިންގް ޑޮޓްކޮމް، ޓްރިޕް އެޑްވައިޒަރ، އެމޭޑިއަސް އަދި އީމާކެޓިންއައި ފަދަ ދުނިޔޭގެ މަޝްހޫރު ޑޭޓާ އެނަލިޓިކްސް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.









