ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ޗެލެންޖް ކަޕް 2024 މާދަމާ ފަށާނެއެވެ.
ކާވާ ވޮލީބޯލް ޗެލެންޖް ކަޕް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 24 ގެ ނިޔަލަށް އުޒްބެކިސްތާނުގެ ޓަޝްކެންޓުގައެވެ. މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ތަޖިކިސްތާނާއި، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.
ކާވާ ވޮލީބޯލް ޗެލެންޖް ކަޕުގައި ވާދަކުރުމަށާއި، ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ގައުމީ ޓީމު ވަނީ ހަފުތާއެއް ކުރިން އުޒްބެކިސްތާނަށް ގޮސްފައެވެ. މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އަދި ޓީމުގެ ކޯޗު ޝަރަފްގެ ދަށުން މަސައްކަތް ކުރަން ހަމަޖައްސާފައިވަނީ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަޙްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަބްދުﷲ ޖުނައިދެވެ.
ދުވަސްގަނޑަކަށްފަހު އަލުން ޤައުމީ ޓީމާއި ޙަވާލުވެ ތަޖުރިބާކާރު ކޯޗު ޝަރަފް ބުނީ ޓީމާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި މިވަގުތު ރާއްޖޭގެ ވޮލި ޙާލަތަށް ބަލާއިރު ޓީމު ރަނގަޅު ކަމަށެވެ.









