ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި، ފަރުވާ ތަންފީޒު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ،
އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމަށް އެންޑީއޭ އިން ބުންޏެވެ. މީގެ އިތުރުން، އެންޑީއޭގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށްޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާ މެދުވެސް މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް އެންޑީއޭ އިން ހާމަކުރިއެވެ.
ރިހެބިލިޓޭޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ވަނީ ބަޖެޓުގައި އިތުރު 30 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައެވެ. މިހާރުވެސް އެންޑީއޭގެ ބަޖެޓުގެ ގޮތުގައި މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާއެވެ. މި ފައިސާ ބޭނުންކުރެވެނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށެވެ.
މި މަޝްވަރާތަކުގެ މަޤްޞަދަކީ ޑްރަގް ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށް ޙުކުމްކުރެވޭ ފަރާތްތަކުން އެއްބާރުލުން ހޯދުމާއި، އެއްބާރުލުން ނުދޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް އެންޑީއޭން ފާހަގަކުރިއެވެ. މިކަމުގެ ސަބަބުން ޑްރަގް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެ، ފަރުވާ ލިބިގަންންނަ ފަރާތްތަކަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް އެންޑީއޭން ބުންޏެެވެ.









