ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުންތައް ތަންފީޒުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ދީފިއެވެ.
މި ޔަގީންކަން ކަސްޓަމްސްއިން ދީފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުމާއި، ގެންގުޅުމާއި އަދި ވިއްކުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގުމާއި ގުޅިގެންނެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދިންގޮތުގައި، ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި، ޑިސެމްބަރު 15 އިން ފެށިގެން މި ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުން މަނާކުރުމަށް އަންގަވާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައީސް ނިންމަވާފައިވާއިރު، މި ބަދަލު ގެނައުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
މި ނިންމެވުންތަކަކީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުންޏެވެ.









