ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު، ނަސްރުﷲ އަބްދުﷲ ގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ މި މައްސަލައިގައި ނަސްރުﷲ ގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ، އޭނާ އެ މަޤާމުގައި ހުރި އިރު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖައިޒު ފައިދާ ހޯދައިދީފައި ވާތީއެވެ. މިއީ ޤާނޫނުލްއުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށެވެ.
އޭސީސީގެ ނެރުނު ބަޔާނުގައި ބުނިގޮތުން، 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނަސްރުﷲ ގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
އެގޮތުން އޭސީސީން ފާހަގަކުރިގޮތުގައި، މި މަސައްކަތް ހަވާލުކުރެވުނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ޚިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަނަށް އެންގުމެއް ނެތިއެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާ ނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީގެ ތަޙުޤީޤުން ހޯދާފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި، ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާ މަޤާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ފާހަގަކުރެވިފައިވެއެވެ.









